
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، އިންތިޚާބުގެ އެކިއެކި މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން ފުޅާކުރުމުގެ މަޤްސަދުގައި އިލެކްޝަންސް ކޮމިޝަނުން ޓިކްޓޮކް މުބާރާތެއް އިޢުލާނުކޮށްފިއެވެ. މި މުބާރާތުގައި 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މި މުބާރާތަކީ އާންމުކޮށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. މުބާރާތުގެ މައިގަނޑު އެއް މަޤްސަދަކީ، އިންތިޚާބާ ގުޅިގެން މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރުމަށް ފަރުދީގޮތުން ބައިވެރިވުމަށް ހިތްވަރު ދިނުމެވެ.
މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޑިސެންބަރު 31 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓަރކުރަން ޖެހެއެވެ. ރަޖިސްޓްރޭޝަން ފޯމު ލިބެން ހުންނާނީ https://tinyurl.com/TikTokmubaaraaiyRegistration މި ލިންކުންނެވެ.
މުބާރާތުގައި އަމިއްލަ ފަރުދަކަށް ވެސް އަދި ޓީމެއްގެ ގޮތުގައި ވެސް ބައިވެރިވެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ރަޖިސްޓަރކުރާ ފަރާތްތަކަށް ޓިކްޓޮކް ޕްލެޓްފޯމަށް އެންމެ އެކަށޭނަ ގޮތަށް، މަދުވެގެން 30 ސިކުންތާއި ގިނަވެގެން 90 ސިކުންތުގެ ދިގުމިނަށް ވީޑިއޯ ތައްޔާރުކުރުމަށް ހަތަރު މަޢުޟޫއެއް ދެވޭނެއެވެ.
މަޢުޟޫޢުތައް ތިރީގައި މިވަނީއެވެ:
- ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތައް
- އިންތިޚާބެއްގެ ތެރޭގައި ކޮށްގެންނުވާނެ ކަންކަން
- ރަށު/ސިޓީ އަށް ޙާއްސަ އިންތިޚާބުތަކުގައި (ލޯކަލް ކައުންސިލްތައް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ) ވޯޓުލުމުގެ މުހިއްމުކަން
- އިންތިޚާބުގެ ދުވަސްވަރު ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމާއި އެކިއެކި މަސްދަރުތަކުން ލިބޭ މަޢުލޫމާތުގެ ޞައްހަކަން ކަށަވަރުކުރުމުގެ މުހިއްމުކަން
މުބާރާތުގައި ވާދަކޮށް ހުށަހަޅާ ވީޑިއޯތަކުގެ ތެރެއިން އެންމެ ގިނަ މާރކްސް ލިބޭ ވީޑިއޯތަކަށް ބަލައި، އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވޭނެއެވެ. މި ގޮތުން، އެއްވަނައަށް 5000 ރުފިޔާ، ދެވަނައަށް 3000 ރުފިޔާ އަދި ތިންވަނައަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރކުރާ ފަރާތްތަކުން ތައްޔާރުކުރާ ވީޑިއޯތައް، 2026 ޖަނަވަރީ 10 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަންޖެހެއެވެ.
މުބާރާތާބެހޭ އިތުރު މަޢުލޫމާތު https://tinyurl.com/TiktokmubaaraaiyGavaaidhu މި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.