navLogo

ކުޅުން ހުއްޓާލާނީ 1،000 ލަނޑު ހަމަކުރެވުމުން: ރޮނާލްޑޯ

ކުޅުން ހުއްޓާލާނީ 1،000 ލަނޑު ހަމަކުރެވުމުން: ރޮނާލްޑޯ
ޕޮޓޯ: ޝޯސަލް މީޑިޔާ
މަރިޔަމް

ސައުދީގެ މަޝްހޫރު ކްލަބް އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ފުޓްބޯޅަ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ކެރިއަރު ނިންމާލާނީ ޖުމްލަ 1،000 ލަނޑު ހަމަކުރެވުމުންކަމަށް ބުނެފިއެވެ. މިހާރު އޭނާގެ ކެރިއަރުގައި 956 ލަނޑު ހަމަވެފައިވާއިރު، މި ނިންމުން ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

ރޮނާލްޑޯ މިހެން ބުނީ، މެދުއިރުމަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދުމަށްފަހު މީޑިއާތަކާ ވާހަކަދައްކަމުންނެވެ. އޭނާ ފާހަގަކުރި ގޮތުގައި، 1،000 ލަނޑު ޖެހުމަކީ އުނދަގޫ ކަމެއްކަން އެނގޭނެއެވެ. ނަމަވެސް، މިހާރު އޭނާ ހުރީ އެ އަޒުމުގައި ބޮޑު ހިތްވަރަކާއެކު ކަމަށާއި، މި ލަނޑުހާސިލްކުރެވޭނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

އުމުރުން 40 އަހަރުގެ މި ކުޅުންތެރިޔާ ވަނީ އެންމެފަހުން އަލް ނަސްރަށް ކުޅެދިން މެޗްގައިވެސް ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެއާއެކު އޭނާގެ ކެރިއަރުގައި ޖެހި ލަނޑުގެ ޖުމްލަ އަދަދު ވަނީ 956 އަށް އަރާފައެވެ. ރޮނާލްޑޯ ބުނީ، ކޮންމެ ތަނެއްގައި ކުޅެންޖެހުނު ނަމަވެސް އެއީ އޭނާއަށް މައްސަލައެއް ނޫން ކަމަށާއި، މިގޮތުގައި ކުރިއަށް ދިއުމަށް ބޭނުންވާ ކަމަށެވެ.

ފުޓްބޯޅަ ކެރިއަރުގައި އަދިވެސް އިތުރު ކާމިޔާބީތައް ހާސިލްކުރަން ބޭނުންވާކަން ފާހަގަކުރަމުން ރޮނާލްޑޯ ބުނީ، އަނިޔާ ނުވެ މިގޮތުގައި ކުރިއަށް ހިނގައްޖެނަމަ، 1،000 ލަނޑު ޖެހުމަކީ ކުރެވިދާނެ ކަމެއްކަމަށެވެ. އޭނާގެ ސިއްހަތު ރަނގަޅުކޮށް ބެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާ ކަމަށްވެސް ރޮނާލްޑޯ ފާހަގަކުރިއެވެ.

މި ސީޒަނުގައި ރޮނާލްޑޯ ވަނީ އަލް ނަސްރަށް ކުޅެދިން 14 މެޗްގައި 13 ގޯލް ކާމިޔާބުކޮށްފައެވެ. ރޮނާލްޑޯ އަކީ މިހާރުވެސް ޕޯޗްގަލްގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޤައުމީ ޓީމަށް 143 ލަނޑު ކާމިޔާބުކޮށްދީފައެވެ.

Rate this article

Leave a Comment

Comments (0)